ދިވެހި ފުލުހުން ނުރައްކާތެރި ޙާލަތެއްގައި!
މިހާރަކަށް އައިސް އެންމެ ބާރަށް މިޤައުމުގައި އިވޭ އެއްއަޑަކީ ދިވެހި ފުލުހުންނާއި އިދިކޮޅަށް ބަޔަކު މީހުން ހިންގަމުންދާ ޖަރީމާތަކުގެ ވާހަކައެވެ. ބަޔަކުމީހުން މިކަމާއި މެދު ވިސްނަން ބޭނުންނުވި ނަމަވެސް މިކަމަކީ ވަރަށް ސީރިއަސްކޮށް ވިސްނާ ފިކުރުކުރަންޖެހޭ ކަމެކެވެ. ތިމާމެންނަށް ލިބިފައިވާ މާޢްދީ ފައިދާ ތަކެއް ބީވެގެން ދިއުމުން އެކަމުގެ ބަދަލެއްގެ ގޮތުން ފުލުހުންގެ ލޭމިބިންމައްޗަށް އޮހޮރުވާލަން ޖެހޭތޯ މިއީ ކޮށްލުން ރަނގަޅު ސުވާލެކެވެ؟
2008/5 ( ފަހެއް އޮބްލިކް ދެހާސް އަށެއް) ފުލުހުންގެ ޤާނޫނުގެ ދަށުން ފުލުހުންނާއި ޙަވާލުފައިވާ ޒިންމާތަކަކީ ،އެކަމުގެ މައްޗަށް ފުލުހުންގެ ހުވާ ލާޒިމުކުރާ ކަންތައްތަކެވެ. މިޤާނޫނުގެ ދަށުން ފުލުހުންގެ މަޤްސަދާއި، ފުލުހުންގެ ދައުރާއި މަސްއޫލިއްޔަތު ވަރަށް ރަނަގަޅަށް ސާފުކޮށްދެއެވެ. އަދި މީގެ އިތުރުން ފުލުހުންގެ ވާޖިބުތަކާއި ބާރު ފުލުހުންނަށް ކަށަވަރުކޮށްދޭއިރު މިކަން ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ ތިމާމެންނަށް ޤާނޫނު އަސާސީން އިން ލިބިދެވޭ ޙައްޤުތައް ނުލިބިގެން ވާހަކަދައްކާއިރު ޤާނޫނުއަސާސީން ދިވެހިރައްޔިތަކަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކުން ފުލުހުންގެ މީހުންނަށް ލިބެނީ ކިހާވަރެއްގެ ޙައްގެއްތޯ ވިސްނާލީ ކިތައްމީހުންތޯއެވެ؟ ފުލުހުންގެ ޤާނޫނުގެ 73 ވަނަ މާއްދާއިން ފުލުހުންގެ ވާޖިބު އަދާކުރަންހުންނަމީހަކަށް ހަމަލާދޭން މަސައްކަތްކުރުމަކީ ޤަނޫނީ ކުށެއްކަން ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ރައްޔިތުންތޯއެވެ؟
ޢާއްމުރައްޔިތުންނަށް ޤާނޫނުގެ ދަށުން ލިބިދީފައިވާ އެންމެހާ ހައްޤުތައް ފުރިހަމަކޮށްދިނުމަށްޓަކައި ނުކުންނަ ފުލުހުންގެ މީހާއަށް ތޫނު ހަތިޔާރާއި، ލަޓިބުރީގެ ހަމަލާއިން މަރުހަބާކިޔާއިރު ، ހިނިތުންވުމާއިއެކު އޭނާގެ ވާޖިބު އަދާކުރުމުގައި މުޅި ނަފްސު ޤުރުބާންކޮށްލަން ޖެހުނަސް ޢާއްމުރައްޔިތުންގެ ޙައްޤަށްޓަކައި ހިނިތުންވުން ފިޔަވައި އެއްވެސް ރައްދެއް ފުލުހުން ނުދެއެވެ. ފުލުހުންގެ މީހާގެ ނަފްސަށާއި ޖިސްމަށް ނުރައްކާތެރި ހަމަލާތައް ކުރިމަތިވާއިރު އެކަމުގެ ޚަބަރު އަޑުއަހާ، އެމަންޒަރު ދެކެން އެމީހުންގެ ފިރިންނާއި އަނބި ދަރިން ތިބޭއިރު އެމީހުންގެ ހިތްތަށް ކުދިކުދިވެގެން ދާނެކަން އެނގިނުލައްވަނީތޯއެވެ؟ މިފަހަ ކަމެއް ތިމާޔަށް މެދުވެރިވެއްޖެނަމަ އެކަމުން ތިމާގެ ޢާއިލާޔަށް ކުރިމަތިވާ ކަންތައްތަކާއިމެދު ވިސްނާލެއްވުމުން މިކަމުގެ ސީރިއަސްކަން ވިސްނޭނެއެވެ.
އެއްވެސް ޚިޔާލެއް ފިކުރެއްނެތި ތިމާމެން ޢައިލާޔާއިއެކު ރޭގަނޑުގެ ނިދާފައިތިބޭއިރު ތިމާމެންގެ އަޤުބޮޑު މުދާތަކާއި، ގޯތިގެދޮތު ބެލެހެއްޓުމުގައި ފުލުސްމީހާ މަސައްކަތްކުރާއިރު އޭނާގެ ގޯތިގެދޮރާއި އަނބިދަރިންތިބެނީ ނުރައްކާތެރި ޙާލަތެއްގައެވެ. ޤައުމަށްދިމާވާ ބޮޑަތި ކާރިޘާތަކުގައި ރައްޔިތުން ހާލުގައިޖެހި ރައްޔިތުން އެހީއަށްއެދޭއިރު އެކަމުގައި އެހީތެރިވާ ފުލުސްމީހާގެ ޢާއިލާ އާއިމެދު ވިސްނަވާލެއްވޭތޯއެވެ؟ އެހެންނަމަވެސް ފުލުހުންގެ ޢާއިލާތަކުން ކެތްތެރިކަމާއިއެކު ތިމާމެންގެ ޢައިލާގެ މެންބަރުގެ ފަރާތުން ޢާއްމުރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ފަޙުރުވެރިވެއެވެ. އަމިއްލަ ފަސްގަނޑުގައި ޢައިލާޔާއި ބައްދަލުކޮށްލުމުގެ ފުރުސަތުނެތި ދިވެހިޤައުމުގެ ޙައްޤުގައި ރެޔާއިދުވާލު މަސައްކަތްކުރާއިރު އެމީހުންގެ ޢާއިލާތަކުން އެއްވެސް ޝަކުވާއެއްނެތި ތިބުމަކީ އެމީހުންގެ ކެތްތެރިކަމަށްޓަކައި ދިވެހިރައްޔިތެއްގެ ޙައިސިއްޔަތުން ޝުކުރު އަދާކުރުން ޙައްޤު މަސައްކަތެކެވެ.
ހިތުގައި އުފެދޭ ޝައިތާނީ ޖަޒްބާތުގައި ފުލުހުންގެ މީހާގެ މުދަލާއި ދިރިއުޅޭ ތަންތައް އަންދާ އަޅިޔަށް ހަދާލާއިރު މި އަންދާލެވެނީ ކިތައް ރައްޔިތުންގެ އުއްމީދުތައްތޯއެވެ؟ އެތައް ދުވަހެއްގެ މަސައްކަތުން ހޯދާ ޢާމްދަނީއިން ގަނެފައިވާ އަޤުބޮޑު މުދާތައް ކުޑަހިނދުކޮޅެއްގެ ތެރޭގައި ތަޅާސުންނާފަތިކޮށްލާއިރު މިއީ ފުލުހުންގެ މީހާ ކުރާ އިޚްލާސްތެރިމަސައްކަތުގެ އުޖޫރަތޯއެވެ؟ ތިމާމެންގެ ބުއްދި ރަންވެ ހަމައިން ނެޓުމުގެ ޒިންމާ ނަގަންޖެހެނީ ފުލުހުންތޯއެވެ. އެއްވެސް އުސޫލެއް ހަމައެއްލަމައެއްނެތި މިޤައުމު ފަސާދަކުރުމުގެ ފުރުސަތު އެއްވެސް މީހަަކަށް ދީފިނަމަ ޤައުމުގެ ތެރޭގައި އުފެދިދާނެ ފިތުނަވެރިކަން އިޙްޞާސް ނުކުރެވެނީ ތޯއެވެ؟
މިހުރިހާ ކަމެއް މިހެން ހުރި އިރު ތިމާމެން އަމިއްލަ އެޖެންޑާ ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާއިރު ފުލުހުން ރަނގަޅުވާއިރު، ތިމާމެން ބޭނުން ނުވާހާލަތުގައި އެމީހުންނަށް ތަފާތު ދުއްތުރާތަކާއި ޓެރަރިޒަމްގެ ޙަމަލާތައްދޭއިރު ފުލުހުންނަށް މިދެވެނީ ފެނުކައްކާބޮލީގެ ޢިއްޒަތްނޫން ބާވަޔޭ ހިތައްއަރައެވެ. ޤައުމަށްކުރިމަތިވާ ކޮންމެ ޙާލަތެއްގައި ފުލުހުންގެ އެހީތެރިކަމަށް ދިވެހިން އަބަދުވެސް ބޭނުމެވެ. މަދުބައެއްގެ މަސްލަހަތަށްޓަކައި ޤައުމުގެ ބާކީތިބި ރައްޔިތުންގެ މަސްލަހަތު ޤުރުބާންކުރާކަން ނުޖެހެއެވެ. ފުލުހުންގެ ޢަޤުހުރި މަސައްކަތައް ދިވެހިން އަބަދުވެސް ބަލައިގަންނާނެއެވެ. ބައެއްފަރާތްތަކަށް މިވަގުތު ފުލުހުންގެ މަސައްކަތް ކަމުނުދިޔަނަމަވެސް ފުލުހުންގެ މަސައްކަތް ކަމުދާ ދުވަސް އަދި އަންނާނެއެވެ. މިއީ މިޤައުމުގެ ސިޔާސީ ޙަޤީޤަތެވެ. މިކަމަށް އިންކާރުކުރިޔަސް ނުކުރިޔަސް އެދުވަހެއްގެ ނަތީޖާޔަކަށް ވިސްނާ، ފުލުހުންގެ މަސައްކަތް އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ފުރުސަތު ފުލުހުންނަށް ދެއްވާށެވެ. ވަގުތު ފާއިތުވެދާނެއެވެ. އޭރުން އެކަމުގެ ހިތާމަ ބޮޑުވާނެއެވެ. އަމިއްލަ އިޙްތިޔާރުގައި ތިބެ ހަމަބުއްދިންވިސްނާލާށެވެ. ފުލުހުންގެ މަސައްކަތް އޭގެ ފުރިހަމަގޮތުގައި އަދާކުރުމުގެ ފުރުސަތު އެންމެހާ ދިވެހި ފުލުހުންނަށް ދެއްވާށެވެ. ފުލުހުންގެ މަސައްކަތުގައި ﷲ ބަރަކާތްލައްވާއެމީހުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ.
ލިޔުނީ: މުޙައްމަދު އަޝްހަދު